ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.

Ad
rt

އެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައެއް ހެކިތައް ސިއްރު ކުރަން ދައުލަތުން އެދުނެވެ. ދައުލަތުން ބުނީ، އެގޮތަށް އެދުނީ ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ އާއި ނައީމާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމު ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމަށާއި އަނެއް ބައި ހެކިތައް ކޯޓުގައި އެކަނި ބެލޭ ގޮތަށް ވަކި މިންވަރަކަށް ސިއްރު ކުރުމަށެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ވަކީލުން ވެސް ވިދާޅުވީ ލިޔުންތައް ދިރާސާ ކުރުމަށް ފަހު، ޖަވާބުދާރީވުމަށް ފުރުސަތު ދޭން އެދޭ ކަމަށެވެ. އެހެންވެ، އެ ފުރުސަތު ކޯޓުން ދިނެވެ.

ނައީމާގެ ކަރަށާއި އެކި ތަންތަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރު އެވެ. އޭނާ މަރާލީ ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ކަމަށާއި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ