މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު ރައީސް އަށް ލިބިއްޖެ ކަމަށާއި ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނެކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޑިސެމްބަރ މަހުގެ 17 ވަނަދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، މިނިމަމް ވޭޖް ކަނޑައެޅުމުގެ ކަންކަން ކުރާ ބޯޑާއި އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން އެކުލަވާލަފައިވާ ދެ ދިރާސާ ރިޕޯޓެއް ވަނީ އޭނާ އަށް ލިބިވަޑައިގެންފަ އެވެ.

"މި ދެ ރިޕޯޓް ކެބިނެޓަށް ހުށަހެޅުމަށް ފަހު، މަޖިލިސްގެ 2020 ގެ ފުރަތަމަ ދައުރަށް ހުށަހަޅަން ނިންމައިފީމެވެ،" މިނިސްޓަރުގެ ޓުވީޓުގައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ރައީސް އެކުލަވާލައްވާފައިވާ "މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑް" އިން ވަނީ ސަރުކާރުގެ އެކި އިދާރާތަކުން ލިބެންހުރި މައުލޫމާތުތައް އެއްކޮށްފަ އެވެ. އަދި ލިބެން ހުރި މައުލޫމާތުގެ އިތުރުން، ބޭނުންވާ މައުލޫމާތު ހޯދުމަށް އެންޓަޕްރައިޒް ސާވޭއެއް ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.

މީގެ އިތުރުން، އައިއެލްއޯގެ ޓީމެއް މިދިޔަ ޖުލައި މަހު ރާއްޖެ އަށް ޒިޔާރަތްކޮށް ސަރުކާރުގެ މުއައްސަސާތަކާއި ވަޒީފާ އަދާ ކުރާ ފަރާތްތަކާ އަދި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް މަންދޫބުން ބައިވެރިވި މަސައްކަތު ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަމުން އަންނަ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމާލުމަށް ފަހު މެމްބަރުން މިހާރު ތިއްބެވީ ދެ މަސްދުވަހުގެ ޗުއްޓީއެއްގަ އެވެ. އެހެންކަމުން، ޗުއްޓީ ނިންމައި މި އަހަރުގެ ފުރަތަމަ ދައުރު ފެށުމާ އެކު، މިނިމަމް ވޭޖް ކަނޑައެޅުމުގެ މައްސަލަ ސަރުކާރުން ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.