މިދިޔަ އަހަރު ކ. ދިޔަނެރު ފަރަށްއެރި ޓަގަކާއި ބާޖުގެ ވެރިފަރާތް 20 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ދި މިޑްލް އީސްޓް މެރިން އެލްއެލްސީގެ ޓަގު، އޭއެމް އެޑްވޭ އާއި އެ ޓަގާއެކު ރާއްޖެ އައި ބާޖު، "އެރޮން" ދިޔަނެރު ފަރަށް އެރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ.

Ad
rt

މި އުޅަނދުތައް 24 ސެޕްޓެމްބަރުގައި ނަގާފައިވާއިރު ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ވަނީ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ގުޅިގެން ސަރވޭއެއް ހަދާފައެވެ.

އީޕީއޭއިން ބުނީ އުޅަނދުތައް ފަރަށް އެރި ސަރަހައްދު ބެލިއިރު، 804 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއްވެ، ފަރު ހަލާކުވެފައިވާ ކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުންތަކަށް 20 މިލިއަން 2 ލައްކަ 46 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ.

ޖޫރިމަނާ ދެއްކުމަށް ދަ މިޑްލް އީސްޓް މެރިން އެލްއެލްސީއަށް މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް އީޕީއޭއިން ވަނީ ދީފައެވެ.

ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ޖޫރިމަނާ ކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ.