ރާއްޖެއަކީ އިންޑިއާ ކަނޑުގެ އަގުހުރި، އަދި އަވަށްޓެރި ބައިވެރިއެއް ކަމަށް، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ނަރެންދުރާ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޯދީ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ގާތް އަވަށްޓެރިއެއްގެ އިތުރުން ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
"ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މިހާރަށްވުރެ ގާތްކޮށް މަސައްކަތް ކުރުމަށް އަޅުގަނޑު ބޭނުން،" މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ އިންތިހާބުގައި މޯދީ ހޯއްދެވި ކާމިޔާބީއަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މޯދީ އާއި ވެރިކަންކުރާ ބީޖޭޕީ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ. ނައިބު ރައީސް ވިދާޅުވީ މޯދީގެ ލީޑަޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑިއެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ލިބުނު ގޮނޑިއަށް ވުރެ މަދު އަދަދެކެވެ. މީގެކުރިން އެ ޕާޓީން 300 އަށް ވުރެ ގިނަ ގޮނޑި ހޯދިއެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 292 ގޮނޑިއެވެ. އިދިކޮޅު ކޮންގްރެސް އަށް 99 ގޮނޑި ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!