ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ރާއްޖޭގައި އެ ކުންފުނިން ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލުގެނެސް، އެ ކުންފުނިން ވިއްކާ ތެޔޮ ވަނީ މިއަދުން ފެށިގެން އަގު ހެޔޮކޮށްފައެވެ.

Ad
rt

މިގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފައެވެ.

މި ބަދަލާއި އެކު މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ލީޓަރެއް ލިބޭނީ 13.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 13.92 ރުފިޔާއަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެ ކުންފުނިން ޑީސަލް ވިއްކާފައިވަނީ 14.62 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 14.33 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ހިދުމަތްތައް ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ.