ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ހެނދުނު 6:00 ގައި ނެރުނު މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ.

Ad
rt

އެއަށްފަހު މެޓު އޮފީހުން މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގެ ވަގުތު ހަމަވާނީ ހަވީރު 18:00 އަށެވެ.

މި ސަމާލުގެ ވަގުތުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު، މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ގުޅިގެން ނެރޭ (އެލާޓް)ސަމާލުތައް:

ހުދު ސަމާލު:

މި ސަމާލު މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. އެގޮތުން 1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވާރޭވެހުން އެކަށީގެން ވެއެވެ. ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ މި އެލާޓް ނެރޭނެ އެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ހުދު ސަމާލު ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ރީނދޫ ސަމާލު:

މި ސަމާލުގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ.

1 ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރ ގެ ވާރޭ ވެހުން އެކަށީގެން ވެއެވެ. އާދަޔާހިލާފަށް ގުގުރުން ނުވަތަ މިފަދަ ގޮތަކަށް ގުގުރާފާނެ ކަމަށް އަދި ފާއިތުވި 3 ގަޑިއިރު 28-35 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 30-25 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން މި އެލާޓް ނެރެއެވެ. ވިލާގަނޑުގައި ވައިގަދަވެ 55 މޭލަށް ވައިބާރުވެދާނެއެވެ. އުދަބާނި އަދި އުދަ އެރުން އެކަށީގެން ވެއެވެ.

މި ސަމާލުގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މަދުވެގެން 5 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުމުން މި އެލާޓް ނެރެއެެވެ.

މި ސަމާލު ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

އޮރެންޖު އިންޒާރު:

މި ސަމާލުގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މި ސަމާލު ނެރޭނެ އެވެ.

ކަނޑު ދަތުރުފަތުރު ކުރުމަކީ މި ސަމާލުގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ރަތް އިންޒާރު:

މި ސަމާލުގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ.

މި ސަމާލުގެ މުއްދަތުގައި 6 ގަޑިއިރު ތެރޭ 180 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 40 މޭލަށް ވުރެ ބާރަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 42 މޭލަށް ވުރެ ބާރަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 70 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. އުދަ އަރާ ބޮޑެތި ގެއްލުން ތަކާއެކު ރިޕޯޓް ކުރުން ނުވަތަ އެހާލަތު ލަފާކުރެވުމުންވެސް މި ސަމާލު ނެރޭނެ އެވެ.

ކަނޑު ދަތުރުފަތުރު ކުރުމަކީ މި ސަމާލުގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި ސަމާލު ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.