މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ‘’ފެންޓަނީލް-ލޭސްޑް ޑްރަގްސް’’ އުފައްދާ އަދި ބައިނަލްއަގްވާމީ ބާޒާރުގައި ދައުރުވުން އިތުރުވެފައި ވާތީ އެކަމާމެދު ރައްޔިތުން ސަމާލުވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެދިއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މަސްތުވާތަކެތީގެ ނުރައްކާތެރި މި ބާވަތް، އާންމު ނަމުންނަމަ ‘’ޗައިނާ ވައިޓް’’ އަކީ ބާރުގަދަ ކެމިކަލްތަކެއް އެކުލެވިގެން އުފައްދާފައިވާ ނުރައްކާތެރި ބާވަތެއްގެ މަސްތުވާއެއްޗެއް ކަމަށެވެ.
މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ މަސްތުވާއެއްޗަކަށްވާތީ މިކަމާ އާންމު ރައްޔިތުން ހޭލުންތެރިވެ، ސަމާލުވުމަށް އެދޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކުރާންޖެހޭ މަސައްކަތްތައް އެ ވުޒާރާއާއި، ނެޝަނަލް ޑްރަގް އެޖެންސީ އާއި އަދި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!