ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އިދާރާތަކުން މަސައްކަތް ނުކުރާތީ ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައި އެވެ.
މިދިޔަ 2023 ވަނަ އަހަރު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75 ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަނުގައި ނޫންކަމަށާއި ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައ،ި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
- މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް 40,475,200.00ރ
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް (އެމްޓީސީސީ) 8,481,000.00ރ
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ
މީގެ އިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް، މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!