ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ލޯނަށް ކުރިމަތިލާ ދަރިވަރުންކުރެ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސްގެ މި ނިންމެވުން ޢިއުލާން ކުރެއްވީ ހޯމަ ދުވަހުގެ ރޭ އޮތް ''އަހާ'' ފޯރަމްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރްޔަމް މާރިޔާއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ ތިންވަނަ ފޯރަމްގައި އާއްމު ރައްޔިތަކު ވަނީ ސްޓޫޑެންޓް ލޯނާގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ވަޒީރު، ޑރ. މާރިޔާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.
މިގޮތުން ސްޓޫޑެންޓް ލޯނަށް މިބުރުގައި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސް ނިންމަވާފައިވާކަން ވަޒީރު ވަނީ އިޢުލާންކުރައްވާފައެވެ.
ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ލޯނަށް އެޕްލިކޭޝަން ހުށެހުމަށް ހުޅުވާލީ މިދިޔަ މަހުގެ 28 ގައެވެ. މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލީ 500 ފުރުސަތެވެ.
ފުރަތަމަ އެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހަށް މުއްދަތު ހަމަވާ ގޮތަށް ނަމަވެސް ފަހުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ އެ މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ދެ ސްކީމަކަށް ބަލާހައިގެން ދޫކުރާ މި ލޯނު ދޫކުރަން ނިންމާފައި ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!