ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަންނަވާ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސް ކުރި ބިލެކެވެ.
މި ބިލު ފާސްކުރީ 33 މެމްބަރުންގެ ވޯޓުންނެވެ. އެ ބިިލް މަޖިލިހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
އެ ގާނޫނުގައި އިންތިހާބުވި ޕާޓީ އަމިއްލައަށް ދޫކޮށްލައިފި ނަމަ އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގައި ހަތް ދުވަހުގެ ތެރޭގައި ޕާޓީން ވަކިވާން ޖެހޭނެ ކަމަށެވެ.
އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި ކުރިން އޮތީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް މިއަދު ފާސްކުރި ބިލުގައިވާ ގޮތުން އަމިއްލައަށް ޕާޓީން ވަކިވާ ހާލަތުގައި ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތުގައި ޖެހޭނީ އިސްތިއުފާ ދޭށެވެ. އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް އެ ބިލުގައި ނެތެވެ.
ނަމަވެސް މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދޭން ވެސް ވަނީ ހިމަނައިފައެވެ.
ރީކޯލް ވޯޓު ނަގާ ގޮތަށް ބިލު ހުށަހެޅިއިރު އޮތް މާއްދާ ވެސް ބިލުން ވަނީ އުނިކޮށްފަ އެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ބާބު އުނިކޮށްފައިވަނީ ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ރީކޯލް ވޯޓު ނުނަގައި ހާސިލުކުރެވޭނެ ގޮތަށް ބިލުގެ އެހެން މާއްދާތައް އިސްލާހުކޮށްފައިވާތީ އެވެ.
މި ބިލު ކުރިން ހުށަހެޅީ ހަމައެކަނި މަޖިލިސް މެންބަރުންގެ މައްޗަށް ހިނގާ ގޮތަށް ކަމަށް ވި ނަމަވެސް ބިލް ފާސްކުރީ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މައްޗަށް ވެސް އެ އުސޫލު ހިނގާ ގޮތަށެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!