ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދިނުމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ އަށް ލިބޭ ކޯޓާ އިތުރު ކުރަން ނިންމި ނިންމުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެ ގައުމުން ވެސް ބޭނުންވާ މިންވަރު އަންގައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

Ad
rt

ޒަމީރުގެ ޕޯސްޓަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ ޖަވާބު ދެއްވައިފައެވެ. ޖައިޝަންކަރު ވިދާޅުވީ، އަވަށްޓެރި ގައުމުތައް އިސްކުރުމުގެ ސިޔާސަތުގައި އެ ގައުމުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން މިއީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށެވެ.

ހައި ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން ހިލަ އާއި ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްދީފައެވެ. މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އިތުރު ދިރުމެއް ލިބޭނެ ކަމެއް ކަމަށް އެބަޔާނުގައިވެއެވެ.

މީގެއިތުރުން ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ %5 އިތުރުކޮށްފައިވާ ކަމަށް އޭގައިވެއެވެ.

އިންޑިއާ އިން ކޯޓާ އިތުރުކޮށްދިން އަސާސީ ބާވަތްތައް:

ބިސް: 428 މިލިއަން

އަލުވި: 21،000 މެޓްރިކް ޓަނު

ފިޔާ: 36،000 މެޓްރިކް ޓަނު

ހަނޑޫ: 124،000 މެޓްރިކް ޓަނު

ފުށް: 109،000 މެޓްރިކް ޓަނު

ހަކުރު: 64،000 މެޓްރިކް ޓަނު

މުގު: 224 މެޓްރިކް ޓަނު

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީ އިން އާއްމުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާ އިން މި ތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެ އަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެ އަށް މި ތަކެތި އެކްސްޕޯޓު ކުރާނެއެވެ.