މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ، މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލަ އިސްތިއުނާފުކުރަން ނިންމައި، އިސްތިއުނާފު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށް ބުންޏެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ހައި ކޯޓުން ވަނީ އިއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!