ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން ފުރަތަމަ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ. ބޮޑު މިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މިސްކިތުގައި އަންނަ ރޯދަމަހު ތަރާވީހު ނަމާދާއި ދަމު ނަމާދު ވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

Ad
rt

ހުކުރު ދުވަހު ހުޅުވާނީ މުނި ހޯމްކެއާގެ ފަރާތުން ހުޅުމާލޭގައި ހަދާ މިސްކިތެވެ.

ޝަހީމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ އެ ސަރަހައްދުގައި ދިރިއުޅޭ އިލްމީ އަދި ހާފިޒުންނަށް އިސްކަން ދެއްވައިގެން ކަމަށެވެ.

މި މިސްކިތުގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި 2،800 މީހުންގެ ޖާގައިގެ މިސްކިތަކާއި 3،000 މީހުންގެ ޖާގައިގެ މިސްކިތަކާއި 1،500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1،162 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރެވެ.