ގަވާއިދާއި ހިލާފަށް ޕާކް ކުރާ މައްސަލަ ބޮޑުވެފައިވާތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކް ކުރާ ނަމަ، ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތި ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިތަނަކަށް މަގުމަތި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް ހާއްސަ ޕަބްލިކް ޓްރާންސްޕޯޓް އަަދި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކް ކުރަމުންދާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް އެއްގަމު އުޅަނދުތައް ޕާކް ކުރުމުގެ ގަވާއިދުގައިވާ ޕާކިންގ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި ނޫނީ އެއްގަމު އުޅަނދު ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތީގައި އާއި، ސްކޫލްތައް ހިމެނޭ ސަރަހައްދާއި، އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލުތަކާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި، ގަރާޖުތަކަށް ވަދެނުކުމެހަދާ ފަރާތްތަކަށް ދަތިވާ ގޮތަށް ޕާކް ކޮށްފައިވާ އުޅަނދުތަކަށް ފުލުހުން ބަލަމުންދާނެ ކަމަށް ބުނެފައިވެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) ބުނެފައި ވަނީ އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ. އަދި އުޅަނދުފަހަރު، އެތަނަކުން ނަގައި، ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!