މިފެށުނު އާ އަހަރު އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދޭން ފަށައިފިއެވެ.

އެގޮތުން މިއަދުން ފެށިގެން އައިޖީއެމްއެޗް ގައި އުފަންވާ ކޮންމެ ކުއްޖަކަށް ގިފްޓް ހެމްޕާއެއް ދޭން އެސްޓީއޯއިން ވަނީ ފަށާފައެވެ.

Ad
rt

އެ ގިފްޓް ހެމްޕާގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ހަގީޒްގެ ނެޕީ ޕެކެޓަކާއި ހަގީޒްގެ ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވޮންޑަލް މިލްކް ޕެކެޓެއް ހިމެެނެއެވެ.

އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖެއްގެ ބެލެނިވެރިންނަށް ވައުޗަރެއް ދޭއިރު އެ ވައުޗަރު ހިފައިގެން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ފާމަސީއަށް ދިއުމުން ހަދިޔާ ލިބޭނެކަމަށް އެސްޓީއޯއިން ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮށްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދެވޭނެ ކަމަށް ވެފައިވާ ސަރުކާރުގެ ވައުދު ތަފާތު ސަބަބުތަކާހުރެ އޮތީ މިއަހަރަށް ފަސްކޮށްފައެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމަކީ މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ.