ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް މިއަދު ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

Ad
rt

މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވައި، 12 ފެބްރުއަރީ 2024 ގައި ތަޞްދީޤުކުރުމަށް ފޮނުއްވާފައިވާ ބިލެކެވެ.

މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި ސަބަބެއްގެ ގޮތުގައި ރައީސް އޮފީހުން ބުނީ، ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައި، އެކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމަށެވެ.

ޤާނޫނުއަސާސީ ބުނާގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އަށް ފޮނުއްވުމުން އެ ބިލު ތަސްދީގުކުރުމާމެދު ވިސްނާވަޑައިގަންނަވަން 15 ދުވަހުގެ މުއްދަތެއް ލިބިއެވެ.

އެ ބިލު ތަސްދީގުކުރެއްވުމަށް ރައީސްގެ އަތްޕުޅަށް މަޖިލީހުގެ އިދާރާއިން ފޮނުއްވާފައި ވަނީ 12 ފެބްރުއަރީގައެވެ. އެހެންކަމުން މި ބިލާމެދު ވިސްނަވަން ރައީސަށް މިއަދާއި ހަމައަށް ފުރުސަތު ލިބިވަޑައިގަންނަވައެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ހިމަނައިގެންނެވެ.

މި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލާފައިވާއިރު، އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބު 17 މާރިޗް 2024 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ތައްޔާރުވެފައެވެ. ކަލަންޑަރުގައިވާގޮތުން މާރިޗް 17 ދިމާވަނީ މިއަހަރުގެ ރޯދަމަސް ތެރެއާއެވެ.