ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސީއެސްސީގެ މެންބަރުކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުން ތެރެއިން ތިންް ނަމެއް ރައީސް މަޖިލީހަށް ފޮނުއްވިއިރު، މި ބޭފުޅުންގެ ނަންތައް ހިމެނޭ ސިޓީ މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވުމަށްފަހު، މިނަންތައް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

Ad
rt

ސީއެސްސީގެ މެންބަރުކަމަށް މެންބަރެއް ޢައްޔަނު ކުރުމަށް ނަމެއް އިޚްތިޔާރު ކުރުމަށް ތިން ނަމެއް ރައީސް ފޮނުއްވާފައިވާއިރު، އެ ބޭފުޅުންނަކީ، އަބްދުލްހަސީބު އިސްމާއީލް (ދަފްތަރު ނަންބަރު ރސ 7505)، ފާތިމަތު ހަބީބާ، (ދަފްތަރު ނަންބަރު ރސ 9472) އަދި މަރްޔަމް ޝާހިދާ (މއ. ފޮރެސްޓް) އެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސީއެސްސީގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.

ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސިވިލް ސާވިސް ކޮމިޝަން އުފެދިފައިވަނީ 23 އޮކްޓޫބަރު 2007 ގައެވެ. ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 1 މޭ 2008 އިން ފެށިގެންނެވެ.

މި ކޮމިޝަނަކީ، ސިވިލްސާވިސް ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ސާވިސްއަށް މީހުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކިކުރުމާއި، ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކެއް އިންތިޒާމްކުރުމާއި، އެއްމިންގަނޑަކުން ހިންގުމުގެ އުޞޫލުތައް ޤާއިމުކުރުމާއި އަދި ސިވިލް ސާވިސްގެ އެންމެހައި މަސައްކަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރެވޭނެ އަދި ރަނގަޅު ނަތީޖާ ނެރެވޭ ގޮތްތަކަށް މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅައި ރޭވުން މަތިކުރެވިފައިވާ ކޮމިޝަނެވެ.

މީގެ އިތުރުން ވަޒީފާތަކަށް މީހުން ހޯދުމާއި، ޢައްޔަންކުރުމާއި، ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމާއި އަދި ސިވިލް ސާވިސް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިކަން ހިންގާ ފަރާތަށާއި، ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ދެމުން ގެންދިއުމަކީ ވެސް މި ކޮމިޝަނާއި މަތިކުރެވިފައިވާ ކަންކަމެވެ.