ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ކުރައްވާނެ ކަމަކަށް ނުވި ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާ އަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވައިކުރުމަށްފަހު، ގައުމާ މުހާތަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އެ ދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށްވީ ވައުދާ އެއްގޮތަށް އެމަނިކުފާނު ހުންނެވީ ސާބިތުކަމާ އެކުގައި ކަމަށެވެ. ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކަ އާ އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުގެ ވެރިކަން ކަށަވަރުކޮށް، އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމު ކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.
"އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވައުދުވެވަޑައިގެންނެވި ފަދަ އިން އެ ކަން މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!