އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކައި ގަދަ ހަތަރެއްގައި ނިންމި ނިއުކާސަލްއަށް މި ސީޒަންގައި ވަނީ އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހި ނަތީޖާތައް ދައްވެފައެވެ. އެ ޓީމްގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރަމުން އައި އެންތޮނީ ގޯޑޮންގެ ކުޑަހުޅަށް އަނިޔާވެގެން ރޭ މެޗުގެ ހާފްޓައިމްގައި ވަނީ ބަދަލުކޮށްފައެވެ. އަދި އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ މުއަދަތެއް ކަށަވަރުނުވެއެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެ ޓީމްގެ މެދުތެރޭ މޮޅު ކުޅުމެއް ދައްކަމުން އައި ޖޮއެލިންޓަން އަށް ސީޒަން ނިމިފައިވާއިރު އެ ޓީމްގެ އެއްވަނަ ކީޕަރު ނިކް ޕޯޕްގެ ކޮންޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވެސް މިވަގުތު ހުރީ ކުޅުމާއި ދުރުގައެވެ. އަދި އެ ޓީމްގެ މެޓް ޓާގެޓް، އެލިއޮޓް އެންޑަސަން، ޖޯ ވިލޮކްގެ އިތުރުން ޖަމާލް ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.
ރޭ މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ނިއުކާސަލްއަށް ޖަހައިދިނީ ސީން ލޯންސްޓަފްއެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލޫޓަންގެ ގެބްރިއަލް އޮޝޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނިއުކާސަލްގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސް ލޯންސްޓަފްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫޓަންއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮސް ބާކްލީއެވެ.
ދެވަނަ ހާފުގައި ލޫޓަން އިން ވަނީ ކައިރިކައިރީ ދެ ލަނޑު ޖަހައި ރަނގަޅު ލީޑެއް ހޯދާފައެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކާލްޓަން މޮރިސްއެވެ. އޭގެ ތިން މިނެޓް ފަހުން ލޫޓަންގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އެޑަބަޔޯއެވެ. ނިއުކާސަލުގެ ތިންވަނަ ލަނޑު 67 ވަނަ މިނެޓުގައި ޓްރިޕިއާ ޖެހިއިރު އޭގެ ހަ މިނެޓް ފަހުން ނިއުކާސަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބާންސްއެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު އެވަޓަންއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބްރައިޓަން އިން ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ބާންލީއާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރަށުން ބޭރުގައި އެސްޓަން ވިލާއިން ވަނީ 5-0 އިން ޝެފީލްޑް ބަލިކޮށްފައެވެ.
އެސްޓަން ވިލާއަށް 23 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމް އޮތީ ހަތަރުވަނާގައެވެ. ރޭ ލޫޓަން އަތުން ލިބުނު ޕޮއިންޓާއިއެކު ނިއުކާސަލް އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ހޯދިފައި ވަނީ 33 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. ދެވަނާގައި ސިޓީ އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ.
ޕްރިމިއާ ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. މިރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރު ޗެލްސީއާއި ވުލްވްސް ބައްދލުކުރާއިރު ހަމަ އެގަޑީ މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ވެސްޓްހޭމްއާއި ދެކޮޅަށެވެ. މިރޭ 21:00 ގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ނުކުންނާނީ އާސެނަލްއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!