ރާއްޖޭގެ ޝަރުއީ އެކިއެކި ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން އޮޓޮމެޓިކުން ކޯޓުތަކަށް ސިޓީއެއް ފޮނުވޭނެ ގޮތަށް ހަދާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ޕީޖީ އޮފީހުން އިސް ނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މި އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯދަމުންދާ މުއައްސަސާއަކަށްވާތީ މައްސަލައިގައި އަނިޔާ ލިބުނު މީހާ އަށް މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލް ކުރާ ދުވަސްތަކާއި އެ ދުވަސްތަކުގައި މައްސަލައަށްވީ ގޮތް ޕީޖީ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

Ad
rt

އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާ ގޮތާބެހޭ މައުލޫމާތު ދިނުމާއި، އޭނާއަށް އިންސާފު ހޯދައި ދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުން ވެސް އިތުރު ކުރުން ކަމުގައި ޕީޖީ އޮފީހުން ބުންޏެވެ.

ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ގާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެހެންވެ، ގެވެށި އަނިޔާގެ މައްސަލަތައް ވީ އެންމެ އަވަހަށް ނިންމުމަށް ކޯޓުތަކަށް ސިޓީ ފޮނުވަން ފަށައިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ ލަސްވެގެން، ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ ފަހުން ބެލިޔަސް، އެ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

"މީގެ ބޭނުމަކީ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައި ދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.