ރައްޔިތުންގެ މަޖިލިހުން ފެނުނީ ޑިމޮކްރަސީއާ ބީރައްޓެހި މަންޒަރެއް ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގެ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލިހުން މިއަދު ވަނީ ފާސްކޮށްފައެވެ. ރުހުން ލިބިފައި ނުވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ދެން ހިމެނިވަޑައިގަންނަވާ 19 ވަޒީރުންނަށް ވެސް ޖުމްލަ ގޮތެއްގައި ބޮޑު އަޣުލަބިއްޔަތަކުން ރުހުން ލިބިފައިވެއެވެ.
މި ވަޒީރުންގެ ތެރެއިން ޝަހީމަށް ރުހުން ނުލިބުނީ އެންމެ ދެ ވޯޓު މަދުވެގެންނެވެ.
ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން މިއަދު ވަނީ އަނެއްކާ ވެސް އެ މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން. މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރަން.
— Hussain Mohamed Latheef (@HucenSembe) January 29, 2024
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށެވެ. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުތުލަގަށް ހުރަސް އެޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހު ކުރައްވާނެ ކަމަށް އުންމީދުކުރަން." ނައިބު ރައީސް ވިދާޅުވިއެވެ.
މަޖިލިހުން މިއަދު ރުހުން ނުލިބުނު ތިން ވަޒީރުން އެ ބޭފުޅުން މި ސަރުކާރުގައި ކުރިން ވެސް ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރެއްވި އިރު، މަޖިލިހުގެ ރުހުން ހޯދަން އަނެއްކާ ވެސް ފޮނުވަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!