ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ކަނބާފާނު އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ތަފާތު ދާއިރާތަކުން އެ ރަށަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަނބަލުންގެ، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑް މައިގަނޑު ފަސް ދާއިރާއަކުން ވަނީ ދިނުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ ޝަރަފްވެރިކަމުގެ އެވޯޑް، މަތީ ދަރަޖަ އެވޯޑް، ހިތްވަރު ދިނުމުގެ އެވޯޑް، ހާއްސަ ހިދުމަތުގެ އެވޯޑް އަދި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އެވެ.

Ad
rt

މި އެވޯޑު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ހިދުމަތްތަކެއް ހޯރަފުށްޓަށް ކޮށްދެއްވާފައިވާ ކަނބަލުންނާއި، ތަފާތު ދާއިރާތަކުން އަގުހުރި ހިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމެވެ. އަދި ދުނިޔޭގެ ފެންވަރުގައާއި ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި، އެ ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާ އަންހެން ކަނބަލުންގެ އަގު ވަޒަންކުރުމާއި، އެ ރަށުގެ ކުރިއެރުމާ ތަރައްގީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާ، ހިދުމަތްތެރީންނާއި، ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ.

އެކިދާއިރާތަކުން އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހޯރަފުށީ ކައުންސިލަށް ހުށަހެޅުމަށް އެ ކޮމެޓީއެން އެދެއެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗް އަށްވަނަ ދުވަހަކީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ.