ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި ޖަލްސާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅުމުން ބާއްވާ ޖަލްސާއެކެވެ. ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ހުށަހަޅީ 38 މެމްބަރުންގެ ސޮޔާ އެކު އެވެ. މިއީ މުޅިން ވެސް މި ދެ ޕާޓީގެ މެންބަރުންކަން އިނގިފަވެއެވެ.

Ad
rt

މި ޖަލްސާ ބާއްވަން ނިންމައި، ޖަލްސާ 28 ޖެނުއަރީ 2023 ވާ އާދީއްތަ ދުވަހަށް ތާވަލުކޮށް ޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިސްގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

އާދީއްތަ ދުވަހުގެ ޚާއްޞަ ޖަލްސާގައި ދެ ބިލެއް ތަޢާރުފް ކުރުމަށް ހިމަނާފަވެއެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަަދު ނަސީމު ހުށަހަޅުއްވާފައިވާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލެވެ. ޝިފާޢުގެ ބިލަކީ ރޯދަމަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް ޤާނޫނު އިސްލާހްކުރުމަށް ހުށަހެޅުއްވި ބިލެކެވެ.

މީގެ އިތުރުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތަޅުމުގައި ކުރިއަށް ގެންދަން، ކޮމެޓީ ރިޕޯޓު ވެސް ވަނީ އެ ދުވަހުގެ އެޖެންޑާއަށް ލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ އާދީއްތަ ދުވަހަށް ތާވަލުކުރިއިރު، 2023 ވަނަ އަހަރުގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމާލީ ދެ ފަހަރަށް ދިގު ދައްމާލުމަށްފަހު 28 ޑިސެމްބަރު 2023 ގައެވެ.

މި އަހަރުގެ މަޖިލީހުގެ ދައުރު ފަށައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެއް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހެވެ.