ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަނުދޭން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަކަމަށް އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

Ad
rt

އީޕީއޭއިން އެގޮތަށް ބުނީ، އެމަޝްރޫއު ކުރިއަށްގެންދަން ފެނޭތޯ އެންވާރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ފަހުއެވެ.

އީޕީއޭއިން އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށާއި، އަދި މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި، ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށް ފާހަގަކޮށްފައިވެއެވެ

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ނިމިދިޔަ ސަރުކާރުން ރަސްމީކޮށް މަސައްކަތްފަށައި، ވަގުތީ ގޮތުން އޮޕަރޭޓް ކުރަންފެށި މާފަރު އެއަރޕޯރޓް ރަސްމީކޮށް ހުޅުވީ މިސަރުކާރުންނެވެ. އާބާދީގައި 1257 ތިބި މާފަރުގައި އެއަރޕޯޓެއް ގާއިމު ކުރެވުނީ މާފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް މަސައްކަތް ކުރާތާ ފަނަރަ ވަރަކަށް އަހަރު ފަހުންނެވެ.