މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އަސާސީ މެރިކަލްޗަރ ކޯހެއް ހިންގައިން ނިންމައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި ސަރުކާރުން ކުރިއަށް ގެންދަންނިންމާފައިވާ ޕްރޮގްރާމެކެވެ.

Ad
rt

ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ މި ޕްރޮގްރާމްގެ ދަށުން މެރިކަލްޗަރ ކޯހެއް ކުރިއަށް ގެންދަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު ގުޅިގެންނެވެ.

މިފަހަރުގެ ކޯހުގެ ޖާގައިގެ އަދަދަކީ 15 އެވެ. މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކ. މަނިޔަފުށީގައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 08 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14.00ގެ ކުރިން އެކަމަށް އެދުމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް ، އައިޑީކާޑުގެ ކޮޕީއާ އެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ. މި ފޯމު އީމެއިލް ކުރަންޖެހެނީ އެ ވުޒާރާގެ އީމެއިލް (info@mmri.gov.mv) އަށެވެ.

ކޯހުގެ މުއްދަތުގައި ކޯހުގެ ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދެވޭނެއެވެ.

މި ކޯހާ ގުޅޭ އިތުރު މަޢުލޫމާތު މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ނަންބަރު 3322242 ނުވަތަ 3028730 ފޯނަށް ގުޅުމުން ލިބޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބުނެއެވެ.