ކުރިއަށް އޮތް ތިން ދުވަސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ 24 ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިރުވައި މޫސުމުގެ ދުވަސްތައް ވަނީ ލައިގެންފައެވެ.
އެއާއިއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ބުނެފަވެއެވެ. އަދި ޚާއްޞަގޮތެއްގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
''ބައެއް ރަށްތަކަށއް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވޭ'' މެޓުން ބުނެފަވެއެވެ.
އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކާއި، ބްރިޖުންނާއި ހައިވޭން ދަތުރުކުރާ މީހުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް ތިން ދުވަސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާއިރު، ގުގުރުމާއެކު ވާރެވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް އެންމެ ދެކުނު ދެ ސިޓީއަށް އެ އިދާރާއިން ވަނީ އޮރެންޖު އިންޒާރު ވެސް ދީފައެވެ. މިއަދު 13:00 އިން 15:20 އަށް މި އިންޒާރު އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ދިނުމަށްފަހު 15:30 އިން ރޭގަނޑު 19:30 އަށް މިހާރު އެ އިންޒާރު ވަނީ ރީނދުލަށް ދަށްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!