އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ރާއްޖެއިން ގެއްލުނު ކަނޑުގެބައި ހޯދަން ސަރުކާރުން ހާއްސަ ކޮމެޓީއެއް އެކުލަވާލައި މަސައްކަތް ފަށައިފިއެވެ.
މި މައްސަލައާއިގުޅިގެން ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ފަށާފައިވާކަމަށެވެ.
މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެގެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށާއި، މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާކަމަށް އެބަޔާނުގައި ބުނެފަވެއެވެ.
މި ކޮމެޓީ ޗެއާކުރަށްވައި، ކޮމެޓީގެ މަސައްކަތް ކުރިއަށްގެންދަވާނީ ކުރީގެ ބަންޑާރަނައިބު މުޙައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުންކަމަށް ސަރުކާރުން ބުނެއެވެ. މި މަސައްކަތް އަނިލްކޮށްދެއްވަނީ ހިލޭ ސާބަހަށް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
އަނިލްގެ އިތުރުން މި ކޮމެޓީގައި ހިމެނޭ އިތުރު މެންބަރުން
- ކާނަލް އަޙުމަދު މުޖުތަބާ، (މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން)
- އަޙްމަދު ޝިއާން، ސެކްރެޓަރީ، މަލްޓިލެޓެރަލް (މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން)
މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުރީގެ ރައީސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވާނީ ބަންޑާރަނައިބު އޮފީހާ ހިއްސާކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މި ސިޓީގެ ކޮޕީއެއް ސަރުކާރުން މިއަދު ވަނީ އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!