ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކަން ފެށި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރަން ސަރުކާރުން މަޝްވަރާ ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން ރޭ ދޮގުކޮށްފިއެވެ.
"ރާއްޖެއެމްވީ" އިން ފެތުރި ހަބަރެއްގައި ބުނީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންމައި އެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރު އެއްވެސް ތަފްސީލެއް އެ ނޫހުން ދީފައެއް ނުވެއެވެ.
އެގޮތަށް ހަބަރު ފެތުރުނު އިރު، ފުށިދިއްގަރު ފަޅު ހިއްކުމަށް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްފައިވާ ކަމަށް ހަބަރު ފެތުރިފައިވެ އެވެ. އެކަމަކު، އެކަމުގައި ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލު ކުރަން ނިންމި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ.
ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށަން އޮތީ ނިންމައިފައެވެ.
އެ މަޝްރޫއު އަންނަ އަހަރަށް ލަފާ ކުރާ 49 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމެނި ނަމަވެސް ބަޖެޓު ކޮމިޓީގެ މަރުހަލާގައި އެ ޕްރޮޖެކްޓަށް ބަޖެޓުގައި ކަނޑައެޅި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކު ވަނީ އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ ބަހާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!