ދިވެހި ފުޓްބޯޅަ ލެޖެންޑް، ކުރީގެ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ''ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ'' ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ޓީމް ޖޯކާސްއިން ހޯދައިފިއެވެ.
މި މުބާރާތުގެ ތަށި ޓީމް ޖޯކާސްއިން ހޯދީ ފައިނަލް މެޗުގައި ތަޖުރިބާކަރު މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމް ތުރީޑީ އާއި ދެކޮޅަށް ކުޅެ މެޗު ފުރިހަމަ ވަގުތުގައި 3-2 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
ހުރާގެ ގިނަ އަދަދެއްގެ ރައްޔިތުން ކުޅިބަލަން އެރަށުގެ މިނީ ފުޓްބޯޅަ ދަނޑަށް ހާޒިރުވި މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބު ކުރީ ޓީމް ތުރީޑީ އިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުޙައްމަދު ތަސްމީން(ތައްތި) އެވެ.
ޓީމް ތުރީޑީ އިން މެޗުގެ ކުރި ހޯދިތާ ގިނަ އިރުތަކެއްނުވެ، ޓީމް ޖޯކާސްގެ ދީފާއީ ކުޅުންތެރިޔާ އަޙުމަދު އަސްފާޤު(ޔޯބެ) ލަނޑެއްޖަހައި ނަތީޖާ ހަމަ ހަމަ ކޮށްދިނެވެ. މިލަނޑާ އެކު މެޗުގެ ފޯރިގަދަވެ ދެޓީމުންވެސް ވަރަށް ރަނގަޅަށް ކުޅެމުންދަނިކޮން ލިބުނު ފުރުސަތެއްގައި ފުރަތަމަ ހާފުގެ ނަވާރަވަނަ މިނެޓްގައި އަނެއްކާވެސް ޓީމް ޖޯކާސްއިން އަޙުމަދު އަސްފާޤު(ޔޯބެ) ލަނޑެއްޖަހައި ނަތީޖާ 2-1 ކަށް ބަދަލުކުރިއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ނަޝްމާ
ދެވަނަ ހާފު ފެށިގެން ދެޓީމުންވެސް ވާދަވެރި ރީތިކުޅުމެއް ކުޅެމުން ދަނިކޮށް ޓީމް ޖޯކާސްގެ ފަސްފައުލް ހަމަވެ، ޓީމް ތުރީޑީއަށް ލިބުނު ޕެނަލްޓީއަކުން ތައްތީ ލަނޑުޖަހައި 2-2 ކަށް ނަތީޖާ ބަދަލުކުރިއެވެ. ނަމަވެސް ޖޯކާސްއިން ހިތްވަރުކޮށް މެޗުގެ އެންމެފަހު މިނެޓުގައި އެޓީމުގެ މުޙައްމަދު ފަވާޒު ލަނޑެއްޖަހައި ނަތީޖާ 3-2 ކަށް ބަދަލުކުރިއެވެ. މިއާއެކު ހުރާގައި މިހާތަނަށް ބޭއްވި އެންމެ ފުރަތަމަ ފުޓުސަލް މުބާރާތުގެ ފަޙުރުވެރި ޗެންޕިއަންކަން ޓީމް ޖޯކާސްއިން ހޯދިއެވެ.
ހުރާގެ ފުޓްސަލް ކިންގް ހަމްދާން، ފޮޓޯ: ނަޝްމާ
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ދެލަނޑު ކާމިޔާބު ކޮށްދިން ޓީމް ޖޯކާސްގެ އަޙުމަދު އަޝްފާގު(ޔޯބެ)އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހައި ރަންބޫޓް ހޯދީ ޓީމް ޖޯކާސްގެ މުހައްމަދު މަޒީން(ޗޮޕޭ) އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ 16 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ހުރާގެ ކުޅުންތެރިއެއްކަމުގައިވާ ޓީމް ރަންމާގެ ކީޕަރު އަޙުމަދު މިފުޒާލު(މިފޫ) އެވެ.
މުބާރާތުގެ ރަން ބޫޓު ހޯދި ޗޮޕޭ، ފޮޓޯ: ނަޝްމާ
އެންމެ މޮޅު ފަސް ކުޅުންތެރިން ތެރޭގައި ހިމެނުނީ ޓީމް ޖޯކާސްގެ ކީފަރު ޢަޙުމަދު ނާފިއު(ނާއްޕެ) އަދި އެޓީމުގެ މުޙައްމަދު މަޒީން(ޗޮޕޭ) އަދި ފައުޒާން(ކޮކީ) އާއި ޓީމް ތުރީޑީގެ މުޙައްމަދު ތަސްމީން(ތައްތި) އަދި ޢަލީ ހަމްދާން(އައްޔަ)އެވެ. މުބާރާތުގެ ފެއާޕުލޭ ޓީމެއްގެ ގޮތުގައި ޓީމް ކުލަބު މެޑް ކަނި ހޮވިފައިވާއިރު މުބާރާތުގެ "ކިންގު" ގެގޮތުގައި "ހުރާ ފުޓްސަލް ކިންގު" ގޮތުގައި ހޮވުނީ ޓީމް ތުރީޑީގެ ޢަލީ ހަމްދާން(އައްޔަ)އެވެ.
ކުލަގަދަ ރަސްމިއްޔާތުތަކާއެކު ނިމުން ފާހަގަ ކުރި މި މުބާރާތް، އަންނަ އަހަރުވެސް ޖުލައި މަހު ފެށިގެން ކުރިއަށްދާނެ ކަމުގައި މި މުމާރާތް އިންތިޒާމްކުރާ ފަރާތް ޢަލީ ޝިހާމް(ހުރާ އައްޔަ)ގެ ފަރާތުން ވަނީ އިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!