ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

Ad
rt

ކޮމިޓީން ނިންމި ގޮތަށް އަލީ އާދަމް ވަކި ކުރަން މަޖިލީހުގެ ޖަލްސާަގައި މިއަދު ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ ވަކިކުރުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް މަޖިލީހުންނެވެ.

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ.

އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.