ޖަރުމަނު ލީގުގައި ރޭ ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކަށް ލަދުވެތި ބައްޔަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-1 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ފްރޭންކްފާޓުން ވަނީ 2019/20 ވަނަ ސީޒަންގައި ވެސް އަމިއްލަ ދަނޑުގައި މި ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތް ފްރޭންކްފާޓަށް މި ނަތީޖާއަކީ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.

Ad
rt

މިއީ ލީގުގައި ބަޔާން މި ސީޒަންގައި ބަލިވި ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވެގެން މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލެވަކޫސެންއާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ބަޔާނަށް އޮތެވެ. ލެވަކޫސަން މިރޭ ރަށުން ބޭރުގައި ނުކުންނާނީ ސްޓުޓްގާޓާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި ހަ ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތު އެ ޓީމަށް ވަނީ ފަހިވެފައެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލެވަކޫސަން އޮތީ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ބަޔާން އަށް 13 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

ރޭ މެޗުގައި ފްރޭންކްފާޓަށް ލަނޑުތައް ޖަހައިދިނީ މާމުޝް، ލާސަން، ނައުފް މި ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހިއިރު، އެމްބިމްބޭ ވަނީ ދެ ލަނޑު ޖަހާފައެވެ. ބަޔާންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކިމިކްއެވެ.

ބަޔާންގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ރޭ މެޗުގެ ނުވަދިހަ މިނެޓްގައި ކުޅުނު ނަމަވެސް އޭނާއަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މިވަގުތު ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ ކޭންއެވެ. އޭނާ ވަނީ 13 މެޗުގައި 18 ލަނޑު ޖަހާފައެވެ.