އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު، ބޯންމައުތުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޔުނައިޓެޑް ލަދު ގަންނަވާލައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބޯންމައުތުން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ބޯންމައުތުގެ ތާރީހުގައި ވެސް ޔުނައިޓެޑް ދަނޑުގައި އެ ޓީމް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބޯންމައުތު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ.

Ad
rt

ދަށް ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގަށް މީގެ ތިން ދުވަސްކުރިން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ދިޔައީ ލީގުގައި ޗެލްސީގެ މައްޗަށް ކުރި ހޯދުމާއި ގުޅިގެންނެވެ. ނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ވީ ބޮޑު ބައްޔާއިއެކު، ޓީމް ދަނޑުން ފޭބިވަގުތު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ހިތް ހަމަނުޖެހުމުގެ ޝުއޫރުތަށް ފާޅުކޮށް ކޯޗާއި ކުޅުންތެރިންނާއި ދިމާކޮށްލާފައެވެ.

މިއީ ލީގުގައި ޔުނައިޓެޑް ކުޅުނު 16 މެޗުގެ ތެރެއިން ބަލިވި ހަތްވަނަ މެޗެވެ. މި ސީޒަންގައި ތިނެއް ސުމެއްގެ ނަތީޖާއިން މިހާތަނަށް ޔުނައިޓެޑް ވަނީ ތިން މެޗަކުން ބަލިވެފައެވެ.

ތިން ދުވަސް ފަހުން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ދެކޮޅަށެވެ. މިވަގުތު އެ ގްރޫޕް ފުލުގައި އޮތް ޔުނައިޓެޑަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް އެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. އެއަށްފަހު އަންނަ ހަފްތާ އާދީއްތަ ދުވަހު ޔުނައިޓެޑް ލީގުގައި ރަށުން ބޭރުގައި ނުކުންނާނީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލާއި ދެކޮޅަށެވެ. މިއީ ދަށް ނަތީޖާތައް ނެރެމުން އަންނަ ޔުނައިޓެޑަށް ކުރިއަށް ހުރި ވަރުގަދަ އިމްތިހާނުތަކެވެ.

މިރޭ މެޗުގައި ބޯންމައުތުގެ ފުރަތަމަ ލަނޑު ފަސްވަނަ މިނެޓުގައި ޖަހައިދިނީ ސޮލަންކޭއެވެ. ދެވަނަ ލަނޑު 68 ވަނަ މިނެޓުގައި ފިލިޕް ބިލިންގ ޖެހިއިރު ތިންވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖަހައިދިނީ މާކޮސް ސެންސީއެވެ.

މި ވަގުތު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. މެޗުން މޮޅުވި ބޯންމައުތު ކުޅުނު 16 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު އޮތީ 13 ވަނާގައެވެ.