ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ކެމްޕޭނުގައި އިންޑިއާ ސިފައިން ބޭލުމަށް ދެއްކިވާހަކަ މިއަދު ވެސް ތަފާތެއް ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ މިއަދާއި ހަމައަށް ވެސް ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޓްރާންސިޝަން މުއްދަތުގައި ވެސް އިންޑިއާގެ ސަފީރާއި ބައްދަލުކޮށް ވަރަށް ތަފްސީލްކޮށް އެވާހަކަ ދެކެވިފައިވާ ކަމަށް ވިދާޅުވިއެވެ،

''އެހެންވީމަ މިއަދާއި ހަމައަށް އައިއިރު ގާތްގަނޑަކަށް ހަތަރު ފަސް ބައްދަލުވުމެއް އެ ގަމުގެ ބޭފުޅުންނާއެކު ވަނީ ބޭއްވިފައި، ވަރަށް ސާފުކޮށް ހުވާކޮށްގެން ޖެހިގެން އައިދުވަހު ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ދެންނެވިން މިތަނުގައި ތިބި ބޭރު ސިފައިން، އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވާށޭ، އެހެންވީމަ ރަސްމީކޮށް އެއޮތީ ހުށަހެޅިފައި، އޭގެ ކުރިން ކުރެވުނު މަސައްކަތާއި މިއަދާއި ހަމައަށް އައިއިރު ކުރެވުނު މަސައްކަތާއެކު އިންޑިއާ އަޅުގަނޑުމެންނަށް އެއްބަސް ވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެކަމަށް'' ރައީސް ވިދާޅުވިއެވެ.