ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ ވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތް ﷲ ސުބުހާނަހޫ ވަތައާލާ އަށް ހަމްދުކޮށް އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކު ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓް އަދި އެންމެހާ މެމްބަރުންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ. އެ ދެ ޕާޓީން ބުނި ގޮތުގައި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ގައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި އެ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވައިފައެވެ.
ތުރުކީ ވިލާތުގެ ވެރިންނާއި ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނަށާއި ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގެވުމުގައި އެ ގައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމާ އެކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"އަޅުގަނޑުމެން އެދެނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްގީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މިކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައިވެސް އަރުވަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.
އެމަނިކުފާނު ތުރުކީ ވިލާތަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި ތުރުކީ އާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖެ އާއި ތުރުކީއާ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރަން އެއްބަސްވުމެއްގައި ސޮއި ވެސް ކުރިއެވެ.
ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޔޫއޭއީއަށް ވަޑައިގަތީ ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށެވެ.މި ދަތުރުފުޅުގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!