ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ލޯންޗްކޮށްފިއެވެ.
ބީއެމްއެލުން އިއްޔެ ފެށި އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވާ ދެ ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑައްޔެއް ލިބޭނެއެވެ.
މީގެ އިތުރުން އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި މުނިފޫހިފިލުވުމާ ގުޅުން ހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަނުގެ ދަށުން ވަނީ ހުޅުވާލާފައެވެ.
ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ތަފާތު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!