ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ކަން މިއަދު މަޖިލީހުގައި ޢިއުލާންކޮށްފިއެވެ.

މިކަން ޢިއުލާންކުރައްވާފައި ވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާ ގައެވެ.

Ad
rt

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ބައިގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރަކީ ބިގޭކަން އެމްޑީޕީން މަޖިލީހަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ގަވާއިދުބުނާގޮތުން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލްކުރާ ޕާޓީގެ ޕީޖީ ލީޑަރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެންދާތީ، ބިގޭ އަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމަށް އަސްލަމް ވަނީ ޢިއުލާން ކުރައްވާފައެވެ.

22 ނޮވެމްބަރު 2023 ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމުގެ އިންތިޚާބު ބިގޭ ކާމިޔާބު ކުރެއްވީ 28 ވޯޓުންނެވެ. އެ އިންތިޚާބުގައި ބިގޭ އާއި އެންމެ ކައިރިން ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ވަނީ 20 ވޯޓު ހޯއްދަވާފައޮވާއިރު، ދެން މި އިންތިޚާބުގައި ވާދަކުރެއްވި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް އަށް ލިބިވަޑައިގަތީ 2 ވޯޓެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 56 މެންބަރުން ތިއްބަވައެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ ދަ ޑިމޮކްރެޓްސް އެވެ. އެހެންވެ، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، އެ ޕާޓީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ.