ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި ބައްދަލު ކުރައްވައިފިއެވެ.

ދެ ރައީސުން ބައްދަލުވުން ބޭއްވެވިކަން އުރްދުޣާންގެ ރަސްމީ ''އެކްސް'' ހޭންޑްލް އިން ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ.

Ad
rt

ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގެ އިތުރު މައުލޫމާތެއް ތުރުކީގެ ރަސްމީ އިދާރާއަކުން ވެސް އަދި ރާއްޖޭގެ ރައީސް އޮފީހުން ވެސް ހާމައެއް ނުކުރައްވައެވެ.

އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޢިއްޒުގެ ދެކަނބަލުން ތުރުކީ ވިލާތަށް ވަޑައިގަތީ މި އަދުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފަ ވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ތުރުކީވިލާތައްފަހު ދެން ރައީސް ވަޑައިގަންނަވާނީ ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ސަމިޓް ފަށާނީ 30 ނޮވެމްބަރު 2023 ގައެވެ.