ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ފަސް އަހަރުވަންދެން މަގުމަތީ މަސައްކަތްކުރީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭހެން މަދު ކަނބަލުންކޮޅެއް ކަމަށާއި، އެކަން އޮޅުވައިނުލެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މުހައްމަދު މިހެން ވިދާޅުވީ، އެދުވަސްވަރުގެ ފޮޓޯތަކަކާއެކު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މުހައްމަދަކީ އޭރުގެ އިދިކޮޅުން މަގުމަތީ ހިންގި ހަރަކާތްތައް ވިލަރެސްކޮށް ހިންގުމަށް އިސްކޮށް އުޅުއްވި، ޕީޕީއެމް ހަރަކާތު ކޮމެޓީގެ ޗެއާ ވެސް މެއެވެ.

މުހައްމަދު ''އެކްސް''ގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ގެ އާންމްމެންބަރުން މާޔޫސް ވިޔަނުދީ އޭރުއޮތް ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، 5 އަހަރުވަންދެން މަގުމަތީގައި އުޅުނީ ރައީސް މުޢިއްޒު ހިމެނޭގޮތައް އެ ދެޕާޓީގެ މުޅި ލީޑާސިޕާ މަދު ކަނބަލުންކޮޅެއް ކަމަށެވެ. އަދި އެކަން ދިވެހިރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުހައްމަދަކީ، ކުރީ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުންގެ ވިސްނުން ބަދަލުކުރުވި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައާއި، އިންޑިއާ-ރާއްޖެ އެއްބަސްވުންތަކާގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އޭރުގެ އިދިކޮޅުން ހިންގި މަފުމަތީ ހަރަކާތުގެ ތެރެއިން ޖަލުގެ ތޭރިތަކުގެ ތެރޭގައި ވެސް އެކިފަހަރު މަތިން ހުންނަވާންޖެހުނު ބޭފުޅެކެވެ.

މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އެކުލަވާލެއްވި ކޮމެޓީއެއްކަމަށް ބުނެ، އެ ޕާޓީގެ އުޅުއްވާ ބައެއް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. އެ ކޮމެޓީގެ އިސްކޮށް ހުންނެވި ކުރީގެ ވަޒީރު މަލީހު ޖަމާލު މިހާރު ޕީޕީއެމުން ސަސްޕެންޑްކޮށްފައިވާއިރު، މަލީހް ވިދާޅުވަމުން ގެންދަވަނީ ''ރައީސް ޔާމީންގެ ހައްގުގައި ކުރާ މަސައްކަތް'' ހުއްޓައި ނުލައްވާނެ ކަަމަށެވެ.