މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ. މުޙައްމަދު އިއްޔެ އުވާލެއްވި އުވާލެއްވުމާއި ގުޅިގެން ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުޝާމް ވިދާޅުވީ، އެއްވެސް ގާނޫނަކުން ބާރުލިބިގެން ނޫން ގޮތަކަށް ''އުސޫލު'' އެއް އެކުލަވާލައިގެން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާއާއި މުދާ ދެމުން ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ.
''އެކަން އެގޮތަށް ކުރިއަށް ނުގެންދެވުމަށް އަޅުގަނޑުވާނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފައެއް އަރުވާފައި. އަދި މިލަފައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ ''ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު'' ބާތިލް ކުރައްވައި، އެ އުސޫލުގެ ދަށުން އެކުލަވާލާފައިވާ މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ އުވާލައްވާފައި.'' އުޝާމް ވިދާޅުވެފަވެއެވެ.
ބަދަލުގެ ގޮތުގައި އެއް ބިލިއަން ނަގައިދޭން ނިންމި ސެޓްލްމަންޓް ކޮމިޓީ އުވާލައިފި
ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ އުވާލައްވައި، ރައީސް އޮފީހުން އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެއްވޭ ކަމަށެވެ.
މި ކޮމެޓީ އުވާލައްވާފައި ވަނީ 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާވެސް ދެއްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!