ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައިވާގޮތުން މި ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ ހަވީރު 16:00 އަށެވެ.
މި ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރުގެ މަސައްކަތެވެ.
މިއީ މިއަދު ބާއްވާ މަޖިލީހުގެ ތިން ވަނަ ޖަލްސާ އެވެ. މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަޕްލިމެންޓްރީ ބަޖެޓާއި، އަންނަ އަހަރުގެ ބަޖެޓްގެ މަސައްކަތެވެ. މިއަދުގެ ދެވަނަ ޖަލްސާ 11:00 އިރު ފެށިއިރު އެ ޖަލްސާ އަކީ ވެސް ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރި ޖަލްސާއެކެވެ.
މިއަދުގެ ފުރަތަމަ ދެ ޖަލްސާ ވެސް ''ނިޒާމްގައި ތާށިވެ'' ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މި ގަރާރު ބޭރުކުރުމަށް މަޖިލީހުގެ ރިޔާސަތުން އިއްޔެ ވަނީ ނިންމާފައެވެ. އިއްޔެ ބޭއްވި ފުރަތަމަ ޖަލްސާގައި އެ ގަރާރު ބޭރުކޮށްލަން ނިންމެވީ، އެ ގަރާރު މަޖިލީހުގެ ގަވާއިދަށް ނުފެތޭކަމަށް ވިދާޅުވެ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެގެ އެ ޖަލްސާގައި ނެންގެވި ނިޒާމީ މައްސަލައެއް ބަލައިގަންނަން ނިންމަވައި، އެއިރު ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އޭގެ ފަހުން އޮތް ދެވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ ވެސް ވަނީ އަފީފުގެ ނިންމެވުމަށް ތާއީދު ކުރައްވާ ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމަވާލައްވާފައެވެ. އެނގިފައިވާ ގޮތުގައި އީވާ އާއި އަފީފްގެ ނިންމުމާ މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވެސް ދެކޮޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!