ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކުރުމަށް ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާ އަށް ގަރާރުގެ މައްސަލަ އެޖެންޑާ ކުރިއިރު، އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފައެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމީންއާންމު ފާތުމަތު ނިއުޝާ އެކަމާ ދެކޮޅަށް ލަފާ ދެއްވަމުން ގެންދަވަނިކޮށެވެ.
އޭގެފަހުން މަޖިލީހުން މިއަދު އިތުރު ޖަލްސާއެއް އެޖެންޑާ ކުރުމުން ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގެން، އިއުލާން ކުރެއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުކޮށްލާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ގަރާރު ބޭރުކޮށްލަން ޖެހޭ ކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ގަރާރެއްގައި ވަކި ސިފަތަކެއް ހުންނަން ޖެހޭ އިރު، ނަޝީދު ވަކިކުރުމުގެ ގަރާރުގައި ދީބާޖާއެއް ނެތް ކަމަށް ވިދާޅުވެއެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރަކީ މަޖިލިހުގެ ގަވައިދުގެ 167، 168، 169 ވަނަ މާއްދާގައި ބަޔާން ކުރާ މެމްބަރުން ހުށަހަޅާ "އާންމު" ގަރާރުތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.
މަޖިލިހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތަކީ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ މަދު ނޫން މެމްބަރުން ލިޔެ، ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކި ކުރުމަށް ފެންނަ ސަބަބު ބަޔާން ކުރުން ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.
އެއީ 22 މެމްބަރުންގެ ސޮޔެވެ.
"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް." ރިފްއަތު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް ކަމަށެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމުކަމަށް އިސްކަން ދޭންޖެހެއެވެ.
"މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންއާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަސައްވުރުކުރާ ހަމައެކަނި ގޮތް" ރިފްއަތު ވިދާޅުވިއެވެ.
ނަޝީދާ ދެކޮޅަށް ހުށަހެޅިފައިވާ ގަރާރުގެ މައްސަލަ މިއަދު 11:00 ގައި އޮންނަ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފައެވެ. އެނގިފައިވާ ގޮތުގައި އީވާ އާއި އަފީފްގެ ނިންމުމާ މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވެސް ދެކޮޅެވެ. އެހެންވެ، މިއީ އަމީން އާންމާއި ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާގެ ލަފާގެ ދަށުން ބާއްވާ ޖަލްސާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!