ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތަކާމެދު އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފާހޯދަން މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މި ގޮތައް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޢާންމު ކޮމެޓީގެ ބައްދަލުވުމުގައެވެ.
ޢާންމު ކޮމެޓީން މިގޮތައް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލު ކުރި ދެވަނަ ޖަލްސާ ވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ.
މިގޮތުން ހެނދުނު 9:00 ގައި ފެށި ޖަލްސާ ނިންމާލީ، ނަޝީދުގެ މައްސަލަ ހިންގަން ހުށަހަޅާފައިވާ ޤަރާރު ގަވާއިދަށް ނުފެތޭކަމަށް ޑިމޮކްރެޓުގެ މެންބަރު އަލީ އާޒިމް އެ ޖަލްސާގައި ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ، ރިޔާސަތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު އޮތީ ރަނގަޅަށް ނޫންކަމަށް ނިންމައި އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވުމަށްފަހުއެވެ.
މި މައްސަލައާއިގުޅޭ ދެވަނަ ޖަލްސާ ފެށީ ހެނދުނު 11:30 ގައި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ރިޔާސަތުގައި އިންނަވައިގެންނެވެ. ޖަލްސާ ފަށައި، ކުޑަހިނދުކޮޅެއްތެރޭ ނިންމާލާފައިވާއިރު، އީވާ ވެސް ވަނީ ހަސަން އަފީފުގެ ނިންމުމަށް ތާއީދު ކުރައްވާފައެވެ. އަދި އެ ނިންމުން އެހެން އޮތުމާއެކު އެ މައްސަލަ އިތުރަށް މަޖިލީހުގައި ދެން ކުރިއަށް ގެންދެވޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!