އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި 430 މީޓަރުގެ ސަރަހައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 280 މީޓަރުގެ ސަރަހައްދެއްގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

Ad
rt

މީގެ އިތުރުން 7,171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ވަނީ ކޮށްފައެވެ.

ރަށްގިރުމުގެ ބިރުވެރިކަމަކީ ޒަމާނުއްސުރެ ކުނބުރުދޫ ރައްޔިތުން ތަހައްމަލުކުރަމުން އައިސްފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން އުތުރާއި ދެކުނުން ހޭޅިފަށާ ހަމައަށް ރަށްގިރައި، ރަށުގެ ގޮނޑުދޮށުގެ މަލަމަތިން ކުރިން ފެނުނު ރީތިކަންވެސް ވަނީ ގެއްލިފައެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން ކުނބުރުދޫގެ ގޮނޑުދޮށް ރަށް ގިރުމުން ހިމާޔަތްކުރެވި އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުމަށް ހައްލެއް ލިބިގެންގޮސްފައިވާ ކަމަަސް އެމްޓީސީސީ އިން ބުންޏެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 21.14 މިލިއަން ރުފިޔާއަށެވެ.