ސްޕެނިޝް ލަލީގާގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭ ރޮނާލްޑް އަރައުހޯ ލަނޑުޖަހައި (1-0) ބާސާ މޮޅުކޮށްދީފިއެވެ.
ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ވެސް ތަނަވަސް ކޮށްފައި ވަނީ ސޮސިއެޑާޑުންނެވެ. މިގޮތުން އެ ޓީމްގެ އެ ޓީމްގެ ކުބޯއާއި ޒުބި މެންޑީއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ރޭ މެޗުގައި ސޮސިއެޑާޑްގެ އެޓޭކްތައް ހުއްޓުވުމުގައި ބާސާގެ ކީޕަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.
މެޗުން ބާސާ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ގުންޑޮގަން ސޮސިއެޑާޑްގެ އޭރިއާތެރެއަށް ޗިޕް ކޮށްލި ބޯޅައަށް ޑިފެންޑަރ އަރައުހޯ އަރާ ބޮލުން ވައްދާލި ލަނޑުންނެވެ. އަރައުހޯ މި ލަނޑު ޖެހިއިރު ހުރީ އޮފްސައިޑްގައި ކަމަށް ބަލައި ލައިންސްމަން ދިދަ ނެގި ނަމަވެސް ވީއޭއާރުން ބެލުމުން އަރައުހޯ އޮންސައިޑްކަން ޔަގީން ވުމުން ރެފްރީ ވަނީ ލަނޑު ގަބޫލު ކޮށްފައެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ޖިރޯނާއެވެ. އެ ޓީމް ވަނީ ރޭ އޮސަސޫނާގެ މައްޗަށް 4-2 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ތާވަލުގެ އެއްވަނާގައި ޖިރޯނާ އޮތީ ކުޅުނު 12 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ރެއާލަށް 11 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ. ބާސާ މިވަގުތު އޮތީ ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.
މިރޭ ރެއާލް އަމިއްލަ ދަނޑުގައި ނުކުންނާނީ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!