ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފައިވާގޮތަކަށް އަމަލުކުރާކަމަށް ފަތުރަމުންދާ ހަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ފެނަކައިން މިހެން ބިނެފައިވަނީ 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގާ ކަމަށް އިއްޔެ ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ފެނަކައިން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

Ad
rt

އެ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެއޫ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ފަތުރާ ވާހަކަތައް ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިގެ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ މެޓީރިއަލްސް އާއި ދުރާލައި ހޯދަންޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

“ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭނެ ސަބަބެއް ކަމަކަށް މި ކުންފުނިން ނުދެކެމެވެ." ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ ކުންފުންޏާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، ކަމުގެ ހަގީގަތް ސާފުކުރުމެއްނެތި މިފަދަ ހަބަރުތައް ތަކުރާރުކޮށް އާންމުކުރުމަކީ އެންމެ ޒިންމާދާރުކަމާއެކު ކޮށްފައިވާ ކަމެއްކަމަށް ނުދެކޭ ކަމަށެވެ. އަދި ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް ހަބަރުތައް ގެނައުމަށްވެސް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.