ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ސްޕެނިޝް ލަލީގާގައި ރޭ ވާދަވެރި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި، އެލް ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ މެޗު ރެއާލުން ކާމިޔާބުކުރީ ބާސާ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ.

Ad
rt

ރޭ މެޗު ބާސާއިން ފެށީ ގޯލަކުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އިލިކާއީ ގުންޑޮގަންއެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ރެއާލަށް ލަނޑުޖަހާނެ އެންމެ ފުރުސަތެއް ވެސް ހޯދިފައި ނުވެއެވެ. މި ހާފުގައި ބާސާއަށް ލީޑު ފުޅާކޮށްދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އެ ޓީމްގެ ފާމިން ލޮޕޭޒްއަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ރެއާލްގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު ކަމަވިންގާއައި މޮޑްރިޗް ކުޅެން ނުކުތުމާއިއެކު ރެއާލްގެ ކުޅުން އިތުރަށް ރަނގަޅުވެގެން ދިޔައެވެ. މިއީ މޮޑްރިޗް ރެއާލަށް ކުޅުނު 500 ވަނަ މެޗެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައީ 68 ވަނަ މިނެޓުގައި ބެލިންހަމް ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ބާސާގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރެއާލުން މެޗުން މޮޅުވި ލަނޑު ބެލިންހަމް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ. ޑޯޓްމަންޑް ދޫކޮށް ރެއާލާއި ގުޅުމަށްފަހު މި ސީޒަންގައި ބެލިންހަމް އަންނަނީ ރެއާލުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއީ ލީގުގައި އޭނާ ކުޅުނު ދިހަ މެޗުގައި ޖެހި ދިހަވަނަ ލަނޑެވެ.

މި މޮޅާއިއެކު ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ރެއާލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޖިރޯނާއަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓް ލިބިފައެވެ. ރެއާލަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނާގައި ބާސާ އޮތީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ބާސާއާއި ރެއާލާއި ދެމެދު މިހާރު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.