ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން މިއަދު އިފްތިތާހްކުރަން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނިގޮތުގައި އެ ޕާޓީގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން މިއަދު ވަނީ އިފްތިތާހްކުރުން ހަމަޖެހިފައެވެ. މި ހަރަކާތް އިފްތިތާހް ކުރުން އޮންނާނީ މިއަދު ހަވީރު 16:00 ގައި އެ ޕާޓީގެ މައި ހަރުގެ (ހައުސް އޮފް ޑިމޮކްރެޓްސް) ގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

Ad
rt

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދާފައިވާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ 21 މެއި 2023 ގައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނީ 24 މެއި 2023 ގައެވެ.

އެ ހުއްދައާއެކު އެ ޕާޓީ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފޯމުތައް ހަމަކޮށް، 3,560 މެންބަރުންގެ ފޯމާއެކު އީސީ އަށް ހުށަހެޅީ 1 ޖޫން 2023 ގައެވެ. އަދި ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދިނުމުން އެ ޖަލްސާ ބާއްވާފައި ވަނީ 5 ޖުލައި 2023 ގައެވެ.

ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ހިމަނާފައިވަނީ މި ޖުލައި މަހުގެ 12 ގައެވެ. އެއަށްފަހު އެ ޕާޓީން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ވޯޓުލީ މީހުންގެ 7 އިންސައްތަ ވޯޓާއެކު އެ އިންތިޚާބުގައި ރާއްޖެއިން އެންމެ ގިނައިން ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯދާފައެވެ.

އެ ޕާޓީން ވަނީ އަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމާފައެވެ.