އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ އަހުންނާއި އުހްތުންނަށް ދެ މިލިއަން މަސް ދަޅު ހަދިޔާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކުރަން ނިންމި މަސް ދަޅުތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Ad
rt

ޝާހިދު ވިދާޅުވި ގޮތުގައި މިއީ ފަލަސްތީނާ އެކުގައި ތިބި ކަން ހާމަ ކުރުމުގެ ގޮތުން ރާއްޖެ އިން ނިންމި ނިންމުމެކެވެ.

"ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން މި ފުރުސަތުގައި ތަކުރާރުކުރަން،" ޝާހިދު ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަނެ ދިން ކުއްލި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި ހަމަލާތަކުގައި އިސްރާއީލުން 1،400 މީހުން ވަނީ މަރާލައިފައެވެ. އަދި އިސްރާއީލުން ބުނާ ގޮތުން ނަމަ، ހަމާސް އިން ވަނީ 222 މީހުން ހައްޔަރުކޮށްގެން ޣައްޒާ އަށް ގެންގޮސްފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދޭން ޖެހުނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް ޝަހީދު ކުރަމުން ދިއުމާއި ފަލަސްތީނުގެ ބިމެއް ކަމުގައިވާ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ހުރުމަތް ކަނޑަމުންދާތީއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 5،791 އަށް އަރައިފައެވެ.