ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް ކަމަށް އެ މައްސަލަ މޮނިޓާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އައްބާސް ވިދާޅުވީ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި، އެމަނިކުފާނާ ސިޔާސީ ގޮތުން ފިކުރު ތަފާތު ނުވަތަ ވާދަވެރި ފަރާތްތަކުގެ ވެސް އަދި މިހާރުގެ ސަރުކާރުގެ އެއްވެސް ޝާމިލުވުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް މިހައިތަނަށް ހޯދިފައިނުވާ ކަމަށެވެ.
އެ ހަމަލާއާ ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި ދައުލަތާއި އިދިކޮޅާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާއި ހަރުކަށި ފިކުރުގެ ގުރޫޕުތައް ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގުގައި އެ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ނަގައި، އެކަންކަން ފުލުހުން ބެލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތަހުގީގަށް ލިބުނު މައުލޫމާތާއި ހޯދާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު، ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އަދުގެ ސަރުކާރުގެ ވެސް، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެ ވެސް އަދި އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ބައިވެރިވުމެއް އޮތްކަމަށް ފާހަގައެއް ނުކުރެވޭ." އައްބާސް ވިދާޅުވިއެވެ.
އެހެންނަމަވެސް އޭނާ ވަނީ އެކި ގޮތަށް ކުރެވުނު އެކިއެކި ތަހުގީގުތަކުން، މި ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ނުވަތަ ބައެއްގެ އަތް ވާ ކަމަށް އެނގޭ ކަމަށާއި މި ހަމަލާ ރާވައި، ފައިނޭންސް ކުރުމުގައި ރާއްޖެއިން ބޭރުގެ ބައެއްގެ އެހީތެރިކަން ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ބޮމެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމުގައިވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.
އެ މައްސަލައިގާ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގައި ހުރެ ބޮމެއް ގޮއްވާލިކަން ސާބިތުވެ، މިކަމުގައި ޢަމަލީގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.
އެހެންނަމަވެސް އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ ދެ އަހަރު ކުރިން ހިނގާފައިވާ މި ހާދިސާގައި މިހާރު ޝަރީއަތްތައް ކުރިއަށްދަނީ އިސްހާގާއި, މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ވިދާޅުވެފައިވަނީ ދައުވާ އުފުލާފައިވާ ހަ މީހުންގެ ޝަރީއަތް މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ނިންމައި ހުކުމްކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!