ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފައެވެ. އަދި އެ ރިޕޯޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓުގެ އިތުރުން ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެކަމަށެވެ. ރިޕޯޓަށް ޝަކުވާ ހުށަހަޅާނީ 2019 ޑިސެމްބަރ 23 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނާއި އެ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް (info@elections.gov.mv) ވެސް ޝަކުވާ ހުށަހެޅޭނެކަމަށެވެ.
އީސީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ސިޓީ އަދި ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ގާނޫނުގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކޮންމެ ސިޓީއެއް އަދި ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިހާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފައިވާ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މި ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް (info@elections.gov.mv) ވެސް ޝަކުވާ ހުށަހެޅޭނެއެވެ.
— Elections Commission (@ElectionsMv) December 20, 2019
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!